ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއާ ބެހޭގޮތުން މީގެކުރިން ދެއްކުނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެއްބަސްވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެންމެ އަރިސް އެއް ބޭފުޅެއް ކަމަށްވާ މުޙައްމަދު ވަހީދު (ވައްޑެ) މިއަދު މާފަށް އެދިވަޑައިގެންފިއެވެ.
ކުރިން ޕީޕީއެމްގެ ސެނެޓުގައި ހިމެނިވަޑައިގެންނެވި އަދި ފަހުން ރައީސް ޔާމީން އުފެއްދެވި ޕީއެންއެފް ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާއަށް ކުރިމަތިލެއްވި ވައްޑެ ވިދާޅުވެފައިވަނީ، އޭނާއަށް ރައީސްގެ ދެކަނބަލުންނާ ބެހޭގޮތުން ދެކެވުނު ވާހަކަތަކާމެދު މިހާރު ހިތާމަކުރައްވާ ކަމަށެވެ.
ރައީސްގެ ދެކަނބަލުންގެ ފޮޓޯއަކާއެކު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވެފައިވަނީ، “ސިޔާސީ އެކި މަހައުލުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަދި ފަސްޓްލޭޑީއާ ގުޅުވައި އަޅުގަނޑަށް ދެއްކިފައިހުރި ވާހަކަތަކާއިމެދު އަޅުގަނޑު ހިތާމަކުރާ ހާލު، އެ ދެކަނބަލުންނާއި އާއިލާގެ ކިބައިން އަޅުގަނޑު އެދެނީ ދީލަތި މަޢާފަކަށް” ކަމަށެވެ.
އިތުރަށް ވައްޑެ ވިދާޅުވެފައިވަނީ، ސިޔާސީ ޖޯޝުގައި އޭނާ އެފަދަ ވާހަކަތައް ދެއްކެވީ އޭރު ލިބިވަޑައިގެންނެވި މަޢުލޫމާތުތަކަކަށް ބިނާކޮށް ކަމަށާއި، ނަމަވެސް މިހާރު އެނގިވަޑައިގެންފައިވަނީ އެއީ ހަގީގަތާ ހިލާފު މަޢުލޫމާތުތަކެއްކަމަށެވެ. އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ގޮވާލައްވާފައިވަނީ ގައުމުގެ މައްސަލަތަކަށް އަމާޒުކޮށް، ހަސަދަވެރިކަމުގައި މީހުންނަށް ޓާގެޓްކުރުން ހުއްޓާލުމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޕީއެންއެފްއިން ކޮންމެ ރެއަކު ބާއްވާ ޖަގަހަ ޖަލްސާތަކުގައި ރައީސް މުޢިއްޒު އަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ކަމާއި، ވައްޑެއަކީ މީގެކުރިން އެފަދައިން ފާޑުކިޔުމުގައި އެންމެ ކުރީ ސަފުގައި އިންނެވި އެއް ބޭފުޅު ކަމެވެ.

