ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލަށް މުހިންމު އިސްލާހުތަކެއް ފާސްކޮށްފިއެވެ. މި ބިލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ފައިސާ، އެކަމަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ހަމަޖައްސަންޖެހޭ ގޮތަށް މާއްދާއެއް އިތުރުކުރުމެވެ.
ކޮމިޓީން ބިލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ފާސްވާނީ ސައްހަ ވޯޓުގެ 50 އިންސައްތައަށްވުރެ މަތިން ލިބިގެންކަމަށް ކަނޑައެޅުމާއި، ވޯޓު ނެގުމަށް މަޖިލީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޤަރާރު ނެރުއްވާ ތާރީޚުން ފެށިގެން މަދުވެގެން 45 ދުވަސް އޮންނަންޖެހޭނެކަމަށް ކަނޑައެޅުން ހިމެނެއެވެ.
އަދި ވަކި ސަރަހައްދެއްގައި ވޯޓު ނަގާނަމަ، 45 ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ވޯޓު ނެގުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ. މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ރާއްޖޭގައި އެންމެ ފަހުން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވަނީ 2007 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމެއްގެ ގޮތުގައި ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް ނެގި ވޯޓެކެވެ. އެ ވޯޓުގައި 95,000 އަށްވުރެ ގިނަ ރައްޔިތުން ވޯޓުދީފައިވަނީ ރިޔާސީ ނިޒާމަކަށް ކަމަށްވާއިރު، 58,500 އެއްހާ ރައްޔިތުން ވޯޓުދީފައިވަނީ ބަރުލަމާނީ ނިޒާމަކަށެވެ.
މި ބިލު ފާސްވުމުން، ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ މުހިންމު ކަންކަމާއި، މުޅި ޤައުމާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

