ބ. ތުޅާދޫގައި އިމާރާތްކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލްގެ މޭސަންރީ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
114.50 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް 2023 ވަނަ އަހަރު ފެށި އެމްޓީސީސީން މިހާރު ކުރިއަށް ގެންދަނީ ފުރަތަމަ ފަންގިފިލާގެ މޭސަންރީ މަސައްކަތްތަކެވެ. އަދި ފުރާޅުގެ ސްލެބް އެޅުމަށް ކުރަންޖެހޭ އެންމެހާ ތައްޔާރީތައް ވަނީ ނިންމާފައެވެ.
އެމްޓީސީސީން ދެއްވި މައުލޫމާތުގައި، މި ވަގުތު ހޮސްޕިޓަލްގެ ގްރައުންޑް ފްލޯ އެއްވަރުކުރުމާއި ހޮޅި އެޅުމުގެ މަސައްކަތްތަކާއި، ފުރަތަމަ ފަންގިފިލާގެ ރޭމްޕާއި ސައިޑް ވޯކް ކާސްޓިން ވޯލްސްގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ފާހަގަކުރެއްވިއެވެ.
މި ހޮސްޕިޓަލް ނިމުމުން ތުޅާދޫގެ އިތުރުން ކައިރީގައި ހުރި ހިތާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށް ވެސް މީގެ ފައިދާ ކުރާނެއެވެ. މިހާރު މި ސަރަހައްދުގެ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް ދާންޖެހެނީ އޭދަފުށި ނުވަތަ މާލެއަށެވެ.
ޚާއްޞަކޮށް މާބަނޑު އަންހެނުންނަށް ވިހެއުމުގެ ޚިދުމަތާއި، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ މުހިންމު ޚިދުމަތްތައް މި ހޮސްޕިޓަލް މެދުވެރިކޮށް ލިބިގެންދާނެކަމަށް ބެލެވެއެވެ. މިއީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

