ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދައިފިއެވެ. ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގުގައި 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގެ ފުރަތަމަ ލެގުގައި ރާއްޖެއިން 3-0 އިން މޮޅުވެފައިވާއިރު، މިއަދު ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިއަދުގެ މެޗުގައި ރާއްޖެއަށް ލަނޑު ޖެހީ ނާއިޒް ހަސަން (ދާދު) އެވެ.
މެޗު ފެށުނީއްސުރެ ދެ ޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. މެޗުގެ ފުރަތަމަ ބައިގައި ރާއްޖޭގެ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަޙްމަދު އައިހަމް އަދި ހައިޝަމް ހަސަންއަށް މުހިންމު ފުރުސަތުތަކެއް ލިބުނެވެ. އަދި ލަންކާގެ ޑިލޯން ޑި ސިލްވާއަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ނާއިޒް ހަސަން ރާއްޖެއަށް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ލަންކާގެ އޮލިވަރ ކެލާޓް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް ފުރަތަމަ ލެގުގެ ނަތީޖާއާއެކު ރާއްޖެއިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މިއީ މުޙައްމަދު ޝިޔާޒް (މޯހަން) ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ ދެ މެޗެވެ. އަދި މި ކާމިޔާބީއާއެކު ރާއްޖޭގެ ފުޓްބޯޅައަށް އައު ތާރީޚެއް ލިޔެވިގެން ގޮސްފައިވެއެވެ.

