ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ޓީމަށް އައްސަރިބަހާއި ސާބަސް ދެއްވައިފިއެވެ.
ދިވެހި ޤައުމީ ޓީމުން މި ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގުގެ މެޗުތަކުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި ރާއްޖެއިން 3-0 އިން މޮޅުވެފައިވާއިރު، ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، “ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވަން” ކަމަށް ވިދާޅުވެފައިވެއެވެ. އަދި އާދީއްތަ ދުވަހު ޤައުމީ ޓީމަށް ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެ ހިތްވަރުވެސް ދެއްވާފައިވެއެވެ.
މިއަދުގެ މެޗުގައި ރާއްޖެއަށް ލަނޑު ޖެހި ނާއިޒް ހަސަން (ދާދު) މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ލަންކާގެ އޮލިވަރ ކެލާޓް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއީ މުޙައްމަދު ޝިޔާޒް (މޯހަން) ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ ދެ މެޗެވެ. އަދި މި ކާމިޔާބީއާއެކު ރާއްޖޭގެ ފުޓްބޯޅައަށް އައު ތާރީޚެއް ލިޔެވިގެން ގޮސްފައިވެއެވެ.

