ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުތަކުގެ ތެރެއިން ދ. ކުޑަހުވަދޫގެ މަގުހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު އެ ކުންފުނިން ހާމަކޮށްފިއެވެ.
އާރުޑީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ކުޑަހުވަދޫގެ ކާސިންޖީ ހިނގުމުގައި މިވަގުތު ކުރިއަށްދަނީ ސްޓޯމް ވޯޓަރ ހޮޅި އެޅުމަށްޓަކައި މަގު ކޮނުމުގެ މަސައްކަތެވެ. މީގެއިތުރުން ސްޓޯމް ވޯޓަރ ޓޭންކް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
އަދި އދ. މާމިގިލީގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގެ ބައެއް މަގުތަކުގައި ދުވާރު ލެވެލް ކުރުމާއި ގައު ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާރުޑީސީން ފާހަގަކުރެއެވެ.
މީގެއިތުރުން، އާރުޑީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދުވާރުގައި ގައު ޖެހުމުގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.
އާރުޑީސީން މިވަގުތު ރާއްޖޭގެ ގިނަ ރަށްރަށެއްގައި މަގު ހެދުމުގެ މަސައްކަތްތަކާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް ގެންދަނީ ކުރިއަށެވެ. މި މަސައްކަތްތަކަކީ ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓްތަކެކެވެ.

