މިރޭ ސިނަމާލެ ބުރިޖު ހައިވޭގައި ފުލުހުންގެ ސައިކަލެއް ވެސް ހިމެނޭހެން، ތިން ސައިކަލާއި ބަހެއް ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެގެން ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މިރޭ ހިނގި މި ހާދިސާގައި ހިމެނެނީ ފުލުހުންގެ ސައިކަލަކާއި، އާންމު ދެ ސައިކަލުގެ އިތުރުން ބަހެކެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އަނިޔާވި މީހުންގެ އަދަދާއި، އެމީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލުތަކެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓު ހިނގި ހައިވޭގެ ސަރަހައްދުގައި ފުލުހުން ވަނީ ބޮޑަށް ހަރަކާތްތެރިވެފައެވެ. އެ ވީޑިއޯތަކުން އިތުރަށް ފެންނަ ގޮތުގައި، އެކްސިޑެންޓްވި ސައިކަލުތަކުން ވެއްޓުނު މީހުންގެ ހެލްމެޓާއި ސައިކަލުގެ ބައިތައް ހައިވޭ މައްޗަށް ދުރުދުރަށް ބުރައިގެން ގޮސްފައި ހުއްޓެވެ. މީގެ އިތުރުން އެކްސިޑެންޓްވި ބަހަށާއި ސައިކަލުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވެސް އެ ވީޑިއޯތަކުން ދައްކައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އެކްސިޑެންޓާ ގުޅިގެން ފުލުހުން ދަނީ މިހާރު ތަހުގީގު ހިންގަމުންނެވެ.

