އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެކުއެކީގައި މަސައްކަތްކުރުމަށް ގޮވާލާ ކަމަށާއި އުއްމީދަކީ އައު ޚިޔާލުތަކާ މުހިންމު މަޝްވަރާތަކެއް ކުރެވިގެންދިއުން ކަމަށާއި އަދި މަޝްވަރާތަކުގެ ހެޔޮ ނަތީޖާއަށް ވާސިލުވުން ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް މިފަދައިން ވިދާޅުވީ ނިއޮނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ތުއްތުކުދިންގެ ދުޅަހެޔޮކަމާ ގުޅޭ މި މަޢުޟޫއަކީ ކޮންމެ އާއިލާއަކާ، ކޮންމެ މީހަކާ އަދި އަންނަން އޮތް ޖީލުތަކާވެސް ގުޅިފައިވާ މަޢުޟޫއެއްކަމަށާއި މި ކޮންފަރެންސް ކާމިޔާބުކުރުމުގައި ބައިވެރިންގެ އެއްބާރުލުމާ، ބިނާކުރުވަނިވި ޙައްލުތަކަށް ޚިޔާލާ މަޝްވަރާ ވަރަށް މުހިންމުކަމަށް މެޑަމް ވިދާޅުވިއެވެ.
ދުނިޔޭގެ ތަރައްޤީވެފައިވާ ސިއްޙީ ނިޒާމުތައިކާ ފައިހަމަކުރުމަށް އަބަދުވެސް މަސައްކަތްކުރަން ޖެހޭކަމަށާއި މި ކޮންފަރެންސްގެ އަލީގައި ރާއްޖޭގައި ހުރި ގޮންޖެހުންތަކާއި ވަސީލަތުގެ ގޮތުން ބޭނުންވާ ކުރިއެރުންތަކާ މެދު މަޝްވަރާކޮށް، ޙައްލަކަށް ބަހުސްކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް މެޑަމް ވިދާޅުވިއެވެ.

