ކ. ހުރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރާއި ގުޅިފައިވާ ދުވާރުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދެމުން ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން ދުވާރުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު، މިވަގުތު ޖެޓީ ތަނބުތައް ބަންދުކުރުމާއި ކޮންކްރީޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަޝްރޫއުގެ އެހެނިހެން މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 26,453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 40,111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި، 5,445 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 86 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން 317 މީޓަރުގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި މޫރިންގް ބޯއީސް ހަރުކުރުމާއި، 105 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 20 މީޓަރު ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫއަކީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި 67.78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ބައްތި ހަރުކުރުމާއި، 1,795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ



