މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ “މޯލްޑިވްސް ފައިނޭންސް ފޯރަމް” މިއަދު ފަށައިފިއެވެ.
މި ޕޯރަމް ކުރުނބާ މޯލްޑިވްސްގައި ފަށައިފައިވާއިރު، މިއީ މާލީ ދާއިރާގެ އިސް ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުން ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކުރެވޭނެ ފުރުސަތު ފަހިކުރުމުގެ މަގުސަދުގައި ބާއްވާ ފޯރަމެކެވެ.
މި އަހަރުގެ އެޑިޝަން ޚާއްސަކޮށްފައިވަނީ “ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މަރކެޓް”، މިޝިޢާރަށެވެ.
އަހަރުގެ ފޯރަމްގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި، ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށާއި އާންމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުން ޚިޔާލުބަދަލުކޮށް، މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ފޯރަމްގެ ޝިއާރާ ގުޅޭ އެކި މައުޟޫއުތަކަށް ޕްރެޒެންޓޭޝަންތަކާއި، ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމް ފަށްޓަވާދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއަރޕާސަން ޑރ. އަޙްމަދު އިނާސް ވިދާޅުވީ، މި ފޯރަމަކީ މާލީ އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާތަކުގެ މުސްތަޤްބަލާ ބެހޭގޮތުން މަތީ ފެންވަރެއްގައި މަޝްވަރާކުރެވޭ ފޯރަމެއްކަމަށެވެ.
އަދި މިއަހަރުގެ ފޯރަމުގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

