ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މއ.ޑޯންޝައިން، ޢާއިޝަތު މުޒްނާ އައްޔަންކޮށްފިއެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލެއް އައިސް، އެ މަގާމުގައި ހުންނެވި ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު ވަކިކުރައްވާ، މުޒްނާ އައްޔަނުކުރައްވާފައިވާކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދުއެވެ.
މުހައްމަދު އާމިރު ސްޓެލްކޯގެ ބޯޑަށް އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މި ނިންމުމާއެކު އޭނާ ވަނީ މަގާމުން ވަކިކުރެވިފައެވެ.
މުޒްނާ މިއަދު ސްޓެލްކޯގެ ބޯޑަށް އައްޔަން ކުރިއިރު އޭނާއަކީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ. މުޒްނާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރ 28 ވަނަ ދުވަހުއެވެ. 2000 ވަނަ އަހަރު ސްޓެލްކޯ އާއި ގުޅިވަޑައިގެންނެވި މުޒްނާ ވަނީ އެކުންފުނީގެ ގިނަ ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތައް ކުރިން ފުރުއްވާފައެވެ.
މުޒްނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަންއިން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

