ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލާފައިވާ އަލީ ޝާހިލްގެ ޝަރީޢަތުގައި ނަގަންޖެހޭ ހެކިބަސް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭ ހިނގި މި ހިތާމަވެރި މަރުގެ މައްސަލައިގެ ޝަރީޢަތް ފެށުނުތާ މިހާރު ތިން އަހަރު ވެފައިވާއިރު، ފ. ނިލަންދޫ ފިނިފެންމާގޭ ޝާހިލްގެ މައްޗަށް ފަސް ދަޢުވާއެއް ވަނީ އުފުލާފައެވެ. މި މައްސަލައިގެ އެންމެހާ ޝަރީޢަތްތައް ކުރިއަށްދަނީ ސިއްރު ޖަލްސާތަކެއްގެ ގޮތުގައެވެ.
މިއަދު ބޭއްވުމަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި ދެ ހެކިންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ އަޑުއެހުން ވަނީ ކެންސަލްކުރެވިފައެވެ. ލިބިފައިވާ މަޢުލޫމާތުގެ މަތިން، މި ދެ ހެކިންގެ ހެކިބަސް މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކިބަހާއެކު ނެގުމަށް ދައުލަތުން ވަނީ އެދިފައެވެ.
ފުލުހުންގެ ތަޙްޤީޤަށް ލިބިފައިވާ ހެކިތަކުގެ ތެރޭގައި ޝިއާއުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހިމެނޭއިރު، އެ ރިޕޯޓުން ދައްކާގޮތުގައި ޝިއާއު މަރާލުމަށްފަހުގައިވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ. އަދި “ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން” ކަމަށް ފުލުހުން ވަނީ ކުރިން ހާމަކޮށްފައެވެ.
މި މައްސަލައިގެ ތަޙްޤީޤަށް ފުލުހުން ވަނީ ހަ މަސްދުވަހުގެ މުއްދަތެއް ހޭދަކޮށްފައެވެ. މައްސަލައިގެ ޝަރީޢަތް މިހާރު ކުރިއަށްދާތާ ތިން އަހަރު ވެފައިވާއިރު، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިންމުމަށް ކޯޓުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

