ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މި އިސްލާހުތަކާއެކު ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
މި އިސްލާހުތަކުގެ ދަށުން، ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމަށްފަހު ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އަންނަނަމަ، އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލެވޭނެއެވެ. މިއީ ގިނަ ރައްޔިތުން އެދެމުން އައި ބަދަލެއް ކަމަށްވާއިރު، ކުރީގެ ސަރުކާރުތަކުން މިފަދަ ނިންމުމެއް ނިންމުމަށް ޖެހިލުންވެފައިވަނީ ސިޔާސީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ކަމަށް ފާހަގަކުރެވެއެވެ.
މި ބަދަލުތަކަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިޖްތިމާޢީ ޢަދުލު އިންސާފު ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކޭކަން ރައީސް މުޢިއްޒުގެ ބަސްފުޅުތަކުން ދޭހަވެއެވެ. މި އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ އިސްލާހުތަކާމެދު މަޖިލީހުގައި މަޝްވަރާކުރެވި، ފާސްކުރުމުގެ މަރުހަލާތައް ކުރިއަށްދާނެއެވެ.

