ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތައް، އެސްޓީއޯައަށް ގެނެސް ވިއްކަަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެކެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ރާއްޖޭގައި ޒަމާނުއްސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީގެ އިތުރުން މުގު، ބިސް އަދި އަލުވި އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކޮށް ވިއްކުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމަވާފައިވާ ކަމަށެވެ.
މި ނިންމެވުމަކީ ފާއިތުވި ދުވަސްތަކުގައި ބައެއް މޭވާއާއި ތަރުކާރީގެ އަގު އުފުލިފައިވުމާ ގުޅިގެން އަޅުއްވާ ފިޔަވަޅެކެވެ. މިގޮތަށް އެސްޓީއޯ މެދުވެރިކޮށް ތަކެތި އެތެރެކޮށް ވިއްކަން ފެށުމުން ބާޒާރުގައި އެތަކެތީގެ އަގު ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާއާއި ތަރުކާރީ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގެ ބާޒާރުގައި އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއްގެ އަގު އުފުލޭނަމަ، އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން އެތަކެތި އެތެރެކޮށް އަގު ދަށްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމެވެ. މިގޮތުން ދާދިފަހުން އޮރެންޖުގެ އަގު އުފުލުމާ ގުޅިގެން އެސްޓީއޯއިން ވަނީ އޮރެންޖުގެ ޝިޕްމަންޓެއް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ.

