ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ 16 ވަނަ ނެޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކޮށް، ތިނަދޫ ޒުވާނުންގެ ކުލަބުގެ އަހްނަފު ރައްޔާން ފަހުމީ ވަނީ މުބާރާތުގެ 17 އަހަރުން ދަށުގެ 100 މީޓަރުގެ މީޓް ރެކޯޑް އައުކޮށްފިއެވެ.
މި މުބާރާތުގެ މީޓް ރެކޯޑް ކުރިން އޮތީ ރާއްޖޭގެ ކުރީގެ 100 މީޓަރު ގައުމީ ރެކޯޑް ހޯލްޑަރު އަޒްނީމް އަހުމަދުގެ އަތުގައެވެ. އެއީ 2008 ވަނަ އަހަރު ކުޅުދުއްފުށީ ސިޓީގައި ބޭއްވުނު ދެވަނަ މަކިޓާ ނެޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕްގައި 11.40 ސިކުންތުން ދުވެގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ.
މިއަދު ކުރިއަށްދިޔަ 20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގައި ރައްޔާން އެއްވަނަ ހޯދީ 11.21 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ ކުރީގެ ރެކޯޑަށްވުރެ 0.19 ސިކުންތުގެ ކުރިއެރުމެކެވެ. މި އިވެންޓުން ދެވަނަ ހޯދީ ޝަރީފް ސްޕޯޓްސް ކުލަބުގެ ސިޒާން އަލީ ރިޒާ އެވެ. އޭނާ ރޭސް ފުރިހަމަކުރީ 11.51 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަތޫފް މުހައްމަދު އާތިފް 11.58 ސިކުންތުންނެވެ.
މީގެ އިތުރުން ރައްޔާން ވަނީ މި މުބާރާތުގެ ލޯންގްޖަމްޕް އިވެންޓުގައިވެސް އެއްވަނަ ހޯދާފައެވެ. އޭނާ 5.99 މީޓަރު ދުރަށް ފުންމައިގެން މި އިވެންޓުގެ މެޑަލް ހޯދިއެވެ. ރައްޔާންއަކީ މިއަހަރުގެ ގައުމީ އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ދެވަނަ ހޯދި އެތްލީޓެވެ. އޭނާއަކީ ތިނަދޫ ސިޓީގައި ކުރިއަށްދާ ނެޝަނަލް ޕޫލުގައި ތަމްރީނު ހަދަމުން އަންނަ އެތްލީޓެކެވެ.
“ރައްޔާންއަކީ ވަރަށް އުންމީދީ އެތްލީޓެއް. އަދި ޕްރެކްޓިސްއަށް ވަރަށް ފަރުވާތެރި، ވަރަށް ހިތްވަރުކުރާ އެތްލީޓެއް،” ރައްޔާންގެ ކޯޗް ހުސެއިން ރައުހަތު ގުދުރަތުﷲ ވިދާޅުވިއެވެ. އަދި މި މުބާރާތުގައި ރައްޔާން ހޯދި ކުރިއެރުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

