20:48
އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، މިވަގުތު ކުރިއަށްދަނީ ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިން ސާފުކޮށް، ބައުންޑްރީ ފެންސް ޖެހުމުގެ މަސައްކަތެވެ. މި ހޮސްޕިޓަލަކީ ދެ ބުރީގެ އިމާރާތެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ތަނެއް ކަމަށާއި، މިތަނުގައި ޒަމާނީ ވަސީލަތްތަކާއެކު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން، ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެމުންދާ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމާއި، އެ ތަންތަން ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިމެނެއެވެ.
މި މަޝްރޫޢުތަކުގެ ދަށުން، ރަށްރަށުގައި ތިބެގެން ޓެސްޓުތައް ހެދޭގޮތަށް ލެބޯޓްރީގެ ޚިދުމަތާއި، ޑައިލިސިސް އަދި އެކްސްރޭގެ އިތުރުން ޞިއްޙީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދީ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

