މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިމިދިޔަ އޮގަސްޓު މަހު 2.12 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 6.9 ޕަސެންޓުގެ ކުރިއެރުމެކެވެ.
މީރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުމަށް މައިގަނޑު ގޮތެއްގައި މަގުފަހިވެފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 11.5 ޕަސެންޓް އިތުރުވެފައިވާތީއެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކްސް ބޮޑުވުމާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުވުމަކީވެސް އާމްދަނީ އިތުރުވުމަށް މަގުފަހިވި ސަބަބުތަކެވެ.
މިއަހަރުގެ އޮގަސްޓު މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.16 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 240.6 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 191.2 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165 މިލިއަން ރުފިޔާ، އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 162.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ލިބުނު އާމްދަނީގެ 22.9 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދެއްކި ފައިސާއެވެ. އަދި 9 ޕަސެންޓަކީ މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާއެވެ. އަދި މީރާއިން މިދިޔަ އޮގަސްޓު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 89.04 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

