ރާއްޖޭގެ އީކޮމާސް ދާއިރާ ތަރައްގީކޮށް، ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ މާކެޓުތަކަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އަލީބާބާ.ކޮމްގައި ދިވެހިންނަށް މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހީންގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ މާކެޓުތައް ހޯދައިދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި މަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ އަލީބާބާ.ކޮމްގެ އެކްސްޕާޓުންނެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި އަލީބާބާ.ކޮމް އާ ދެމެދު ކުރެވުނު މަސައްކަތުގެ ސަބަބުން، ދިވެހިންނަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި ސެލާ އެކައުންޓް ހުޅުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. “މިއީ ދިވެހި އުފެއްދުންތަކާއި ހިދުމަތްތައް ދުނިޔޭގެ ފުޅާ ބާޒާރަކަށް ތައާރަފްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް” ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާ، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެ ގޮތް ހަދައިދިނުމުގެ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ވެސް މި ވޯކްޝޮޕްގައި ބައިވެރިވެ، އަލީބާބާ.ކޮމް މެދުވެރިކޮށް ވިޔަފާރިކުރުމުގެ އުސޫލުތަކާއި ކަންކަން ހިންގާނެ ގޮތުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

