މާދަމާއިން ފެށިގެން ރަސްފަންނު ސަރަހައްދުގެ ބައެއް ތަންތަން ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިރޭ އިއުލާނު ކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް ހިނގަމުންދާ މުއްދަތުގައި، މަސައްކަތް ކުރިއަށްދާ ސަރަހައްދުތައް ވަގުތީ ގޮތުން ބަންދުކުރަމުން ގެންދާނެ ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ރަސްފަންނު ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ ކުންފުންޏަކާއެވެ. އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮށި އިސްލާހުކޮށް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި، އަދި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އާންމު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ފާޚާނާ ބަރިއަކާއި، ފެން މާގަނޑު އަދި ލޮކަރު ފަދަ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

