މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ މާލޭގައި ހުންނަ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޓާސްކް ފޯސްއިންނެވެ. މި ރެއިޑުގައި ހައްޔަރުކުރެވުނު 4 ބިދޭސީންނަކީވެސް ސައްހަ ވިސާއެއް ނެތި ރާއްޖޭގައި ދިރިއުޅެމުން އައި ބައެކެވެ.
އިމިގްރޭޝަނުން ވިދާޅުވިގޮތުގައި މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށާއި، ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
މީގެއިތުރުން، އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2,022 މީހުން ވަނީ އެމީހުންގެ އަމިއްލަ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.
އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 7,635 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. އިމިގްރޭޝަނުން ބުނާގޮތުގައި މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހަރުދަނާކަމާއެކު ކުރިއަށްގެންދާނެއެވެ.

