ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްތަކުގެ ޔުނިޓްތައް ހަވާލު ކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ އެފްޑީސީ ފަހި ޕޯޓަލް މެދުވެރިކޮށެވެ.
އެފްޑީސީން މިކަން އިއުލާންކުރަމުން ބުނެފައިވަނީ، ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ތާވަލު ކުރެވޭނީ ޕޯޓަލް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ކަމަށެވެ. އެންމެ ފުރަތަމަ ހަވާލުކުރެވޭނީ އަމާން އުދަރެސްގެ 14 ޓަވަރުގެ ޔުނިޓްތައް ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ. މި ފްލެޓްތަކުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތް ވަނީ ފުރިހަމައަށް ގާއިމުކުރެވިފައެވެ.
އެފްޑީސީން ދެއްވި މައުލޫމާތުގައިވާ ގޮތުން، ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 3،000 އަށްވުރެ ގިނަ ފަރާތަކުން ވަނީ ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި މިހާރު ދަނީ މި ފްލެޓްތައް ހަވާލުކުރުމުގެ އެންމެހައި ތައްޔާރީތައް ފުރިހަމަކުރަމުންނެވެ.
ފްލެޓްތައް ހަވާލުކުރެވޭނީ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ. 2 ކޮޓަރީގެ އެޕާޓްމަންޓަކަށް 15,000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 25,000 ރުފިޔާގެ ޑިޕޮސިޓެއް ދައްކަންޖެހޭ ކަމަށް އެފްޑީސީން ވަނީ އަންގާފައެވެ.
ސަރުކާރުން ވަނީ މި ފްލެޓްތަކަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9,000 ރުފިޔާއިން 7,000 ރުފިޔާއަށް، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 13,000 ރުފިޔާއިން 9,000 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

