ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިންމަވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަންކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށްވާއިރު އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާ ކޮށް އިއްޔެ ވަނީ ނިންމާފައި ކަމަށެވެ.
ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމަށާއި، މި ބްލޮކް ގްރާންޓް ދެވޭނީ ޝަރުޢީ ދާއިރާގެ ފުރިހަަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބޭގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ނިންމާފައިވާކަމަށާއި މިކަމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައިކަމުގައި ރައީސް ވިދާޅުވިއެވެ.

