ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފިއެވެ.
މިފުރުސަތު ހުޅުވާލައި ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ނޮޅިވަރަންފަރުގައި އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކަށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް މިނިސްޓްރީގައި އެ މަސައްކަތް ކުރިއަށްދާނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ 4004919 ނަންބަރު ފޯނަށް ގުޅުމަށް ވަނީ އެދިފައެވެ.
ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތައް ރަސްމީކޮށް އެރަށު ކައުންސިލާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ. މި ހައުސިންގ ޔުނިޓުތައް ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިންނެވެ.

