މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކައިފިއެވެ.
މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ގެސްޓުހައުސްތަކުން ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިއެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %43.2 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕަންސީ ރޭޓް ހުރީ %34.3 ގައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %8.9 އިތުރު އަދަދެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޅި ޖުމްލަ 835 ގެސްޓްހައުސް ހުޅުވާފައިވާއިރު، ގެސްޓްހައުސްތަކުގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަކީ 14،218 އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން 334،027 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %21.8 އެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިހާރު ވަނީ ރަށު ފަތުރުވެރިކަން ނުވަތަ ގެސްޓްހައުސް ވިޔަފާރި ފަށާފައެވެ.

