ފުލުހުންގެ ސީންއެއްގެ ފޮޓޯއެއް ނެގުމުން ރޭ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ހަސަން ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ހުސައިން ފުލުހުންގެ ބަންދުން ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.
ފުލުހުން ރޭ ބުނީ، ހަސަން ހައްޔަރުކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ ނަގަން ފެށުމުން ފުލުހުންގެ އަމަލުތަކަށް ދަތިނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމަށްފަހު ކަމަށެވެ.
ގޮތުން ނަސޭހަތްތެރިވުމުން އޭނާ އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އޮޕަރޭޝަންގެ ތެރެއަށް ވަދެ ހެކީގެ ފޮޓޯނަގަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ، އޭނާ ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

