ތުޅާދޫގައި ތަރައްޤީކުރާ ހޮސްޕިޓަލާއި، މުވައްޒަފުންގެ އެކޮމިޑޭޝަން ބްލޮކް ރޭނުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ. މި ދެ އިމާރާތުގެވެސް ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ފާހަގަކޮށްފިއެވެ.
އާބާދީގައި 3000 އެއްހާ މީހުން ދިރިއުޅޭ ބ. ތުޅާދޫއަކީ އަތޮޅުގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް ރަށެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ތުޅާދޫގެ އެންމެ ބޮޑު އެއް މައްސަލައަކީ ސިއްޙީ ޚިދުމަތް އެކަށީގެންވާ ގޮތުގައި ލިބެން ނެތުމުގެ ކަންބޮޑުވުމެވެ. މި ކަމަށް ހައްލެއް ހޯދުމަށް އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހު ފަށާފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި ހޮސްޕިޓަލް އިމާރާތް ރޭނުމުގެ 90 އިންސައްތަ މަސައްކަތާއެކު ކޮންކްރީޓް ސްޓްރަކްޗަރގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައެވެ. އަދި އެކޮމޮޑޭޝަން ބްލޮކްގެވެސް ރޭނުމުގެ 90 އިންސައްތަ މަސައްކަތް ނިމި، މިހާރު ދަނީ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ބައެއް މަސައްކަތްތަކާއި ފުރާޅު ހެދުމަށް ބޭނުންވާ ސްޓްރަކްޗަރގެ މަސައްކަތްތައް ކުރަމުންނެވެ.
124 މިލިއަން ރުފިޔާގެ މި މަޝްރޫޢު ފެށިއިރު 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވީ ނަމަވެސް، މަސައްކަތް ލަސްވެފައިވާކަން އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިހާރު ހޮސްޕިޓަލުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ވަގުތު ތުޅާދޫގައި ސިއްޙީ ޚިދުމަތް ދެމުންދަނީ ސިއްޙީ މަރުކަޒުންނެވެ. އަދި ސިއްޙީ މައްސަލަތަކުގައި ރަށުގެ ރައްޔިތުން އަތޮޅު ހޮސްޕިޓަލު ހުންނަ އޭދަފުއްޓަށް ނުވަތަ މާލެއަށް ދަތުރުކުރަން މަޖުބޫރުވެއެވެ. އާ ހޮސްޕިޓަލާއެކު އިތުރު ސްޕެޝަލިޓީތަކުގެ ޚިދުމަތްތައް ފެށި، ސިއްޙީ ޚިދުމަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

