ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ކަމަށް އަލަށް ހޮވި ވަޑައިގެންނެވި، ނިޢުމާތު ޝަފީޤާއި، ދިވެހިރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ބައެއް މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުވުމުގައި، ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވަނީ ނިޢުމާތު ޝަފީޤު މި މުހިންމު މަޤާމަށް ހޮވިވަޑައިގަތުމުން މަރުޙަބާ ދަންނަވައި، ރާއްޖެފަދަ ކުޑަ ޤައުމަކަށް މިފަދަ ފުރުސަތެއް ލިބުމާމެދު އުފާފާޅުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ނިޢުމާތު ޝަފީޤު ވަނީ ޗީފް ގައިޑްގެ ހައިސިއްޔަތުން ސާޖިދާ މުޙައްމަދު ގާލް ގައިޑްގެ މަސައްކަތްތަކަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި މިވަގުތު ގާލް ގައިޑް ހަރަކާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ގާލް ގައިޑް އެސޯސިއޭޝަންގެ މެންބަރުން ވަނީ ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ގައިޑްގެ ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކޭމްޕް ސައިޓެއްގެ މުހިންމުކަން ވެސް ފާހަގަކުރެވުނެވެ.
ނިޢުމާތު ޝަފީޤުގެ މި އައު މަޤާމާއެކު، އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ގާލް ގައިޑް ހަރަކާތްތައް އިތުރަށް ފުޅާވެ، ދިވެހިރާއްޖޭގެ ގާލް ގައިޑް ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

