އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން ކާބޯތަކެތީގެ އަގު ހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މިކަން ޔަގީންކުރުމަށްޓަކައި ތަރުކާރީ އާއި މޭވާ އަދި އެހެން ބައެއް ތަކެތި ހިމެނޭހެން 23 ބާވަތެއް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ވިއްކުމުގެ ޒިންމާ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއާ ވަނީ ހަވާލުކޮށްފައެވެ.
މިކަމުގެ ތަފްސީލު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، “އޮކްޓޯބަރު 15 އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަން އެސްޓީއޯއިން ޔަގީންކުރަން ޖެހޭނެ ތާރީހު” އެވެ. އަދި އޭގެ ތެރޭގައި 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ އޮކްޓޯބަރު 13 ގައި ލިބެން ހުންނަންޖެހޭނެ ކަމަށް އެސްޓީއޯއިން ޔަގީންކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، ކޮމްސިއުމަ ޕްރައިޒް އިންޑެކްސް ލިސްޓް އަހަރަކު އެއް ފަހަރު ރިވިއު ކުރެވޭނެއެވެ. އަދި ރާއްޖެއިން އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ދެނެގަނެވޭނެއެވެ. މީގެކުރިން އެއްވެސް ސަރުކާރަކުން މި ލިސްޓް ރިވިއު ކޮށްފައިނުވާ ކަމަށާއި، ހަނޑޫ، ހަކުރު، ފުށް ހިމެނޭހެން މޭވާ އާއި ތަރުކާރީގެ ބާވަތްތައް އިމްޕޯޓްކުރުމަކީ މިހާރު އެސްޓީއޯގެ މެންޑޭޓުން ލާޒިމްކުރާ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން އެސްޓީއޯއިން އެތެރެކުރާ ތަކެތީގެ ތެރޭގައި ފިޔާ، ބިސް، އަލުވި، ކާށި، ކަދުރު، ލޮނުމެދު، އިނގުރު، ލުނބޯ، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް އަދި ކިއުކަންބާ ފަދަ ތަކެތި ހިމެނެއެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ފުޑް ސެކިއުރިޓީ ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ނިންމުމަކީ ރާއްޖޭގައި ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުލިބުމުގެ ސަބަބުން ތަކެތީގެ އަގު އަތްނުފޯރާ ހިސާބަށް ދިއުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

