ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގެ އޭ330 މަރުކާގެ މަތިންދާބޯޓަށާއި އޭ320 މަރުކާގެ މަތިންދާބޯޓަށް ޕައިލެޓުން ހޯދުމަށް އެ ކުންފުނިންއިޢުލާންކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ކުރި އިޢުލާނުގައިވާ ގޮތުން، މި ދެ މަރުކާގެ މަތިންދާބޯޓުތަކަށް ކެޕްޓަނުންނާއި ފަސްޓް އޮފިސަރުން ހޯދުމަށް ބޭނުންވެފައިވާ ކަމަށާއި، މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.
ދުރު މަންޒިލްތަކަށް ދަތުރުތައް ކުރުމަށް މޯލްޑިވިއަންގެ އޭ330-200 އެއާބަސްގެ ފުރަތަމަ ބޯޓު ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. އަދި މިހާރު އެ ބޯޓުން ދަތުރުތައް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، މި އަހަރުގެ ފަހުކޮޅު އިތުރު އޭ330 ބޯޓެއް ގެނައުމަށް ވަނީ ރޭވިފައެވެ.
މޯލްޑިވިއަންއިން މިހާރު ބޭނުންކުރަމުންދާ އޭ330 މަތިންދާބޯޓަކީ 264 ގޮނޑި ހިމެނޭ ބޯޓެކެވެ. މި ބޯޓުގައި ތިން ކެޓަގަރީއެއްގެ ގޮނޑި ހިމެނެއެވެ. އެގޮތުން ބިޒްނަސް ކްލާހުގައި 18 ގޮނޑިއާއި، ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 36 ގޮނޑިއާއި، އިކޮނޮމީ ކްލާހުގައި 210 ގޮނޑި ހިމެނެއެވެ.
އަދި އޭ320 މަތިންދާބޯޓުގައި ހިމެނެނީ އިކޮނޮމީ ކްލާހުގެ 138 ގޮނޑިއާއި ބިޒްނަސް ކްލާހުގެ 14 ގޮނޑިއެވެ. މި ދެ މަރުކާގެ މަތިންދާބޯޓުތަކަށް ޕައިލެޓުން ހޯދުމަކީ އައިލެންޑް އޭވިއޭޝަންގެ ޚިދުމަތް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

