ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ. މި ވަގުތު ކުރިއަށްދަނީ ގްރޮއިން ޕްރޮފައިލް ކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
60.7 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 276 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމާއި ނެރު ބައްތި އަދި މަގުބައްތި ހަރުކުރުން ވެސް ހިމެނެއެވެ.
ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. 480 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު 7 ވަނަ ދުވަހުއެވެ.
ޅައިމަގު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ އެ ރަށުގެ ރައްޔިތުން ކުރަމުން އައި ވަރަށް ބޮޑު އުންމީދެކެވެ. މިހާރު ހުރި ބަނދަރު ކުޑަވުމާއި ބަނދަރު ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރުމުގެ ޚިދުމަތް ދޭ އުޅަނދުފަހަރަށް ވެސް ދަތިތަކާ ކުރިމަތިވަމުން އައި ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

