ޝަރީޢަތް ހިނގަމުންދާ މައްސަލައެއްގައި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިކަން ހާމަކުރައްވަމުން ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތް ދިރިއުޅޭ ތަން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ. އަދި މި ބަލައި ފާސްކުރުމުގައި އޭނާގެ ޑިޖިޓަލް ޑިވައިސްތައް ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
ޝަރީޢަތް ހިނގަމުންދާ މައްސަލައެއްގައި ހެކިންނަށް ނުފޫޒު ފޯރުވުމަކީ ޤާނޫނީ ގޮތުން ކުށެއްކަމަށްވާއިރު، މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި މައްސަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

