ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް (75) އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށް ރައީސް މަޢުމޫނުގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް މަޢުމޫނުގެ އޮފީހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ފާއިތުވި ހަފްތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެކަމަނާ އެޑްމިޓް ކުރެވިފައިވެއެވެ. އަދި މިވަގުތު އެކަމަނާއަށް ދެވޭ ފަރުވާއާއެކު ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް ވެސް އެ އޮފީހުން ފާހަގަކުރައްވާފައިވެއެވެ.
މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ދައްކަވަމުން ގެންދަވާ އޯގާތެރިކަމާއި އަޅާލުން ފާހަގަކުރައްވައި، އާއިލާގެ ފަރާތުން އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
އަދި މި ދަނޑިވަޅުގައި ހެޔޮއެދޭ ފަރާތްތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮ ދުޢާތަކާއި މެސެޖުތަކުން އާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާކަމަށް ބަޔާންކުރައްވައި، އެކަމަށްޓަކައި އާއިލާގެ ފަރާތުން ޝުކުރުވެރިވާކަމަށް ވެސް ރައީސް މަޢުމޫނުގެ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.
މެޑަމް ނަސްރީނާ އިބްރާހިމްއަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުންނެވެ. އެކަމަނާގެ އުމުރުފުޅަކީ 75 އަހަރެވެ.

