ރާއްޖޭގެ ދަރަނި ކުޑަކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށާއި، ރާއްޖޭގެ މާލީ ހަމަޖެހުން ހިފެހެއްޓުމަށް ޗައިނާއިން އެއްބަސްވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ، މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ސަފީރު ވިދާޅުވި ގޮތުގައި ރައީސް މުޙައްމަދު މުއިއްޒު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަރަށް މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޗައިނާގެ ޓިއަންޖިންގައި ބޭއްވުނު ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވިއެވެ. “މިއީ އެސްސީއޯގެ ތާރީޚުގައި އެންމެ ގިނަ ބައިވެރިން ބައިވެރިވި ސަމިޓް” ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް 11 އެއްބާރުލުމުގެ ލިޔުންތަކުގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ދަރަނި ކުޑަކުރުމަށް ޗައިނާއިން އެހީތެރިވެދިނުމާއި، ރާއްޖޭގެ މާލީ ހަމަޖެހުން ހިފެހެއްޓުމަށް އެއްބަސްވުން ހިމެނެއެވެ.
ސަފީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތާއި، މާލެއާއި ވިލިމާލޭގެ މަގުތައް މަރާމާތުކޮށް ތަރައްގީކުރުމުގެ މަސައްކަތް، އަދި ކައުންސިލް އިދާރާތަކުގެ އިމާރާތްތައް އެޅުމުގެ މަޝްރޫޢުތައް މިހާރު ވަނީ ފެށިފައެވެ.
“ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ” ކަމަށް ސަފީރު ވަނީ އަންގަވާފައެވެ. އަދި ދެ ގައުމުގެ ގުޅުމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި، މި ގުޅުން އިތުރަށް ހަރުދަނާވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

