ބ. ދޮންފަނު އުރަފަށުގައި ފީނުމާއި ޑައިވްކުރުން މަނާކުރަން އެރަށު ކައުންސިލުން ނިންމި ނިންމުން ބާތިލުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަޙައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފައެވެ.
ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ދޮންފަނު ފަޅުން ހިއްކުމަށް ސަރުކާރުން އިޢުލާން ކުރި މަޝްރޫޢު ހުއްޓާލުމާގުޅިގެން ހިއްކަން ކަނޑައެޅި ސަރަޙައްދުގައި އެރަށުގެ ބަޔަކު އިޙްތިޖާޖުކުރަން ތައްޔާރުވާތީކަމަށް ބުނެއެވެ.
އެލްޖީއޭއިން އެ އެންގުން އަންގާފައި ވަނީ ރޭ އާންމުކުރި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ގުދުރަތީ ނުވަތަ ތަބަޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރިކުރަން ޖެހޭ ތަންތަން ފިޔަވައި އެހެނިހެން ސަރަޙައްދުތައް ވަކި ކައުންސިލެއްގެ އިޙްތިޞާސް ކަމުގައި ކަނޑައެޅިފައިވިޔަސް އެތަންތަނުގައި ޤާނޫނަކުން މަނާ ކަމެއްކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާއި ނުލައި ކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް މިދިޔަ އޮގަސްޓްމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން އޭރުވަނީ ނިންމަވާފައެވެ. އެހެންނަމަވެސް އެމަޝްރޫޢާއެކު ދޮންފަނާއި ޖެހިގެންއޮތް ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެރަށާއި އަތޮޅުގެ ރައްޔިތުންގެ އިތުރުން ތިމާވެށީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ފާރަތްތަކުން ފާޅުކޮށްފައެވެ.

