ގދ. މަޑަވެލި، ހޯޑެއްދޫ، އަދި ނަޑެއްލާގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
މަޑަވެލި، ހޯޑެއްދޫ، އަދި ނަޑެއްލާގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ތިން ރަށުގައި ވެސް އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ބީއެމްއެލްއިން ވަނީ ތިން ރަށުގެ ވެސް ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.
މަޑަވެލީގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ. މީގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް އޭޓީއެމް މެދުވެރިކޮށް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
އަދި ނަޑެއްލާގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 9 އަތޮޅެއްގައި ވަނީ މި ޚިދުމަތް ފަށާފައެވެ.

