އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕަށް، ރާއްޖޭގައި އީކޮމާސް އާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ 24 ގަޑިއިރުގެ ތެރޭގައި 150 އަށް ވުރެ ގިނަ ދިވެހި ވިޔަފާރިވެރިން ރަޖިސްޓްރީވެއްޖެއެވެ.
މި މަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް އެ މިނިސްޓްރީން މި ވޯކްޝޮޕް އިއުލާން ކުރީ އިއްޔެގައެވެ.
މި ކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވޯކްޝޮޕްގައި ބައިވެރިވުމަށް 24 ގަޑި އިރުތެރޭ ރަޖިސްޓްރީވުމަށް 155 މީހުން ހުށަހަޅާފައިވާކަމަށެވެ.
މި ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ އަލީބާބާ ޑޮޓް ކޮމްގެ ތަޖުރިބާކާރުންނެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަގުޞަދަކީ ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި ސެލާރ އެކައުންޓް ހުޅުވައި، އެ ޕްލެޓްފޯމް މެދުވެރިކޮށް އޮންލައިންކޮށް މުދާ ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާ، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް، އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމުގެ މަސައްކަތްތަކުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެެއް ކަމަށް މިނިސްޓާ ސައީދު ވަނީ ވިދާޅުވެފައެވެ.
އަލީބާބާ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ.

