ނަމާދާމެދު ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ކޮށްގެން، ﷲ އެނަމާދު ޤަބޫލެއްނުކުރައްވާނެ ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މަޢުލޫއަކީ “ނަމާދުގައި ޚުޝޫޢަތްތެރިވުން” މިއެވެ.
ޙުތުބާގައި ބުނީ އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދު ކަމަށެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން ނުހަނު މުހިންމެވެ. އެއީ އެއާނުލައި، އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެންނުވާނޭ އަޅުކަމަކަށް ވާތީއެވެ.
ޤިޔާމަތްދުވަހު އެންމެފުރަތަމަ އަޅާގެ ޢަމަލުތަކުގެ ތެރެއިން ހިސާބު ބެއްލެނީ އޭނާގެ ނަމާދާމެދުގައެވެ. އޭނާގެ ނަމާދުތައް ރަނގަޅުވެއްޖެ ނަމަ ހަމަކަށަވަރުން ނަޖާވެ ކާމިޔާބުވެއްޖެއެވެ. އޭނާގެ ނަމާދުތައް ގޯސްވެއްޖެ ނަމަ އޭނާ ވަނީ ގެއްލި ހަލާކުވެއްޖެ މީހަކަށެވެ.
“މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައެވެ. ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެވެ” ޙުތުބާގައި ވަނީ ބުނެފައެވެ.
ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުން ކަމަށް ވަނީ ސާފުކޮށް ޙުތުބާގައި ބުނެފައެވެ.
މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﮋ ﭑ ﭒ ﭓ * ﭕ ﭖ ﭗ ﭘ ﭙﮊ މާނައީ: “މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.” ހަމަ އެ ފަދައިން ނަމާދު ކުރިކަމުގައި ވިޔަސް ނަމާދުކުރުމުގައި ފަރުވާކުޑަކުރާ މީހުންނަށް ހުރީ ހަލާކުކަން އަންގަވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.
ނަމާދާ މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުރި ކަމަށާއި، ނަމާދުކުރާންވީ ޚުޝޫޢަތްތެރިވެ ތިބެގެންކަމާއި، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަން އެނގޭ ކަމަށާއި އޭގެ ބަދަލުގައި އެ ފަދަ މީހުންނަށް ހުރީ ގެއްލުމާއި ހަލާކު ކަމަށް ޙުތުބާގައި ބުނެފިއެވެ.

