އެންޕީސީ ވޯލްޑްވައިޑްއިން އިންތިޒާމުކޮށްގެން ބޭއްވި އެމެޗުއަރ އޮލިމްޕިއާ ފިލިޕީންސް 2025 ގައި މެންސް ފިޒީކް ބައިން ދެވަނަ ހޯދައި ތާރީޚީ ކާމިޔާބީއެއް ދިވެހި ބޮޑީބިލްޑަރު ލިޔާޢު، ހޯދައިފިއެވެ.
ލިޔާޢު އަކީ މި ޝަރަފުވެރި މުބާރާތުން މެޑަލް ހޯދި ފުރަތަމަ ދިވެހި ބޮޑީބިލްޑަރެވެ.
އަދި އޭނާއަކީ މިވަގުތު އެންޕީސީ ވޯލްޑްވައިޑްގެ ދަށުން ވާދަކުރަމުންދާ ހަމައެކަނި ދިވެހި ބޮޑީބިލްޑަރެވެ.
އައިއެފްބީބީ ޕްރޯ ލީގުގެ ދަށުން މަނިލާގައި ބޭއްވުނު މި މުބާރާތުގައި، އޭޝިއާގެ އެކި ކަންކޮޅުތަކުން އެންމެ މޮޅު އެމެޗުއާ ބޮޑީބިލްޑަރުން ވާދަކުރިއެވެ. މެންސް ފިޒީކް، ކްލެސިކް ފިޒީކް އަދި ބޮޑީބިލްޑިން ބައިތައް ހިމެނޭ ގޮތަށް ބޭއްވުނު މި މުބާރާތުގެ ބައިވެރިން ވާދަކުރީ ޕްރޮފެޝަނަލް ފެންވަރަށް ކުރިއެރުމުގެ އުއްމީދުގައެވެ.
މިއީ ހަމައެކަނި އަމިއްލަ ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ ދިވެހި ބޮޑީބިލްޑިންގއަށް ލިބުނު ފަޚުރުވެރި ވަގުތެއް ކަމަށާއި މަސައްކަތް އަދި ނިމުނީކީ ނޫން، ކަމަށް ލިޔާޢު ބުނި އިރު، އޭނާ ބުނީ މިއީ ހަމައެކަނި ދަތުރުގެ ފެށުން ކަމަށެވެ.
ލިޔާޢު ވަނީ 2024 ވަނަ އަހަރު އިންގްލެންޑްގައި ބޭއްވި އޯޕަން ޕްރޮ ކޮލިފައިއަރއެއްގައި ބައިވެރިވެ، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ވާދަކޮށް އަގުހުރި ތަޖުރިބާތަކެއް ހޯދާފައެވެ.

