ބ. ދޮންފަނު ކައިރިއަށް ޑައިވްކުރަން ދިޔަ ބަޔަކަށް އެ ރަށުގެ ރައްޔިތުން ހުރަސްއަޅައިފިއެވެ.
ޓޫރިސްޓުންގެ މަގްބޫލް މަންޒިލެއްގެ ގޮތުގައި އޮތް ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވްކުރުން އެ ރަށު ކައުންސިލުން މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް އެލްޖީއޭ އިން ވަނީ ކަނޑައަޅާފައެވެ.
އަދި އެ ނިންމުން ބާތިލްކުރަން އެ ރަށު ކައުންސިލަށް އެލްޖީއޭ އިން އެންގިއެވެ.
އެގޮތުން ދޯނިތަކުގައި ދޮންފަނުން މުޒާހަރާއަށް ނުކުތް ބައެއް ފަރާތްތަކުން ވަނީ އެ ރަށް ކައިރިއަށް ޑައިވްކުރުމަށް ދިޔަފަރާތަކަށް އެ ސަރަހައްދުގައި ޑައިވް ނުކުރެވޭނެ ކަމަށް ބުނެ ޑައިވް ކުރުމަށް ހުރަސް އަޅާފައެވެ. އަދި އެ ސަރަހްއްދުން ދިއުމަށް ވެސް ދޮންފަނުގެ ރައްޔިތުން ވަނީ އެ ފަރާތްތަކަށް އަންގާފައެވެ.
އެލްޖީއޭ އިން އެފަދައިން އަންގާފައި ވަނިކޮށް، އެ ފަރަށް ޑައިވްކުރަން ދިޔަ ބަޔަކަށް އެ ރަށު ބަޔަކު ވަނީ ހުރަސް އަޅާފައެވެ. އެ މީހުންނަށް ހުރަސް އެޅީ އެ ރަށުގެ ދޯނިތަކެއްގައި މިއަދު މުޒާހަރާ ކުރަމުން ދިޔަ ބައެކެވެ.

