ގަވާއިދާ ޚިލާފަށް ސިނގިރޭޓުގެ ވިޔަފާރި ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް އިއްޔެ ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1 ގެ ކަންނެލި ޖެޓީ ސަރަހައްދުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ ޝައްކުވެރި ޢަމަލުތަކެއް ފާހަގަކުރެވިގެންނެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ މީހާއާއި އޭނާ ގެންގުޅުނު ތަކެތި ބަލައި ފާސްކުރުމުން ވަނީ ގިނަ އަދަދެއްގެ ސިނގިރޭޓު ފޮށި، ދުންފަތް، ސިނގިރޭޓު ފިލްޓަރު އަދި ރިޒްލާ ފެނިފައެވެ. މީގެ އިތުރުން އޭނާގެ އަތުން 53،000 ރުފިޔާއަށް ވުރެ ގިނަ ފައިސާއާއި ސިނގިރޭޓު އަނބުރަން ބޭނުންކުރާ ބޮކްސްއެއްވެސް ވަނީ ފެނިފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 32 އަހަރުގެ އެމްޑީ ސައްދާމް ހޮސައިން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުން ދިޔަ ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

