ޤަވާއިދާ ޚިލާފަށް މާލޭގައި އުޅެމުން ދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހޯދުނު ބިދޭސީންނެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، ރޭ ޓާސްކް ފޯސްއިން މާފަންނު ސަރަހައްދުގައި ބިދޭސީއަކު އިސްވެ ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކުރުމުން، ސައްޙަ ވިސާއެއްނެތި އުޅެމުންދިޔަ ދެ ފިރިހެނަކާއި އަންހެނަކު ވަނީ ހޯދިފައެވެ.
އިމިގްރޭޝަނުން ވިދާޅުވީ މި އޮޕަރޭޝަންތަކުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމާއި، ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
މީގެއިތުރުން، އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. މި މަސައްކަތުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2،022 މީހުން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.
އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރުގެ 17 ނޮވެމްބަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 7،635 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެކެވެ.

