މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް ޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން، ހައްޔަރުކުރެވުނު ދެ މީހުންނަކީ މޮނު ހައުލޭޑާ (47 އަހަރު) އާއި ސަކީބް މިއާ (25 އަހަރު) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށް ފަހުގައެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި، އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ޖުމްލަ 317 ފުޅި ބަނގުރާ އާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 9000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން، ފެނުނު ބަނގުރަލާއި ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެ ދެމީހުން ދުއްވި ސައިކަލު ވެސް ވަނީ ޓޯކޮށްފައެވެ. ފުލުހުން މި މައްސަލަ ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

