ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ވެގެންދާނީ އައްޑޫ ސިޓީއަށް ލިބިގެންދާނެ ކުރިއެރުމާއި ފަހުރުގެ ރަމްޒަކަށް ކަމަށް ވިޔަފާރިވެރިޔާ އަދި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓް، އޭސް މޯލްޑިވްސްގެ ވެރިޔާ ފިރާގު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އާ ޓާމިނަލާއި އަލަށް ހަދައި ނިމެމުންދާ މަގުތަކާއި އާ އޭޓީސީ ޓަވަރާއި އަދި އާ އިދާރީ އިމާރާތާއެކު ގަން އެއާޕޯޓް މުޅިން ތަފާތު އަދި ޒަމާނީ އެއާޕޯޓަކަށް ބަދަލުވެގެންދާނެއެވެ.
އައްޑޫގެ ވިޔަފާރި އާއި ޓޫރިޒަމްގެ ކުރިއެރުމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ފިރާގު ފާހަގަކުރެއްވި ގޮތުގައި، މި ތަރައްގީގެ ސަބަބުން އައްޑޫގެ ދަތުރުފަތުރުގެ ގުޅުން އިތުރުވެ، ފަތުރުވެރިކަމާއި ވިޔަފާރި އާއި ސަރަހައްދީ ކުރިއެރުމަށް ފުޅާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
“އެއީ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ގެނެސްދީ، ހަރުދަނާ އިގްތިސާދެއް އުފެދި، ގައުމީ މައިދާނުގައި ވެސް އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް އައްޑޫގެ ތަސައްވުރު އިތުރުވެގެން ދާނެ ކަމެއް،” ފިރާގު ވިދާޅުވިއެވެ.
ގާތްގަނޑަކަށް 29.7 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން އިންޑިއާގެ ކުންފުނި ރެނާޓަސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކު އެއާޕޯޓް ތަރައްގީކުރެވޭނެއެވެ.
މި ތަރައްގީގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ލައުންޖްތަކާއި، ކޯލްޑް ސްޓޯރޭޖް، ކާގޯ ވަސީލަތްތައް، ކޮންޓްރޯލް ޓަވަރު، ފަޔާ ސްޓޭޝަން އަދި ޕާކިން ސަރަހައްދުތައް ހިމެނެއެވެ. މި ތަރައްގީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ފްލައިޓުތައް ރާއްޖޭގެ ދެކުނަށް އޮޕަރޭޓް ކުރުމަށް މަގުފަހިވެ، އެ ސަރަހައްދުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ.

