ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި، ރާއްޖެ ތަމްސީލްކުރާ ގައުމީ އެތުލެޓިކްސް ޓީމުގެ ހަސަން ސާއިދު، 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި، ފުރަތަމަ ބުރަށް ދަތުރުކޮށްފިއެވެ.
33 އަހަރުގެ ސާއިދު މިއަދު ވާދަކުރި ޕްރިލިމިނަރީ ބުރުގެ ހީޓު ތިނެއްގައި، އަށް ދުވުންތެރިންގެ ތެރެއިން ހޯދީ ހަތަރުވަނައެވެ. ސާއިދު 100 މީޓަރު ދުވުން ނިންމީ 10.84 ސިކުންތުންނެވެ. މި ހީޓުގައި އެއްވަނަ ހޯދި ބާބަޑޯސްގެ ކުރޯން ގްރިފިތު ދުވުން ނިންމީ 10.47 ސިކުންތުންނެވެ. ދެވަނައަށް ދިޔަ ގެމްބިއާގެ އަލިއޫ ޖޫފް ދުވުން ނިންމީ 10.60 ސިކުންތުންނެވެ. އަދި ތިންވަނައަށް ދިޔަ ތަޖިކިސްތާންގެ ފަވޮރިސް މުޒްރަޕޯވް ދުވުން ނިންމީ 10.67 ސިކުންތުންނެވެ.
ސާއިދު ފުރަތަމަ ބުރަށް ދަތުރުކުރީ، ޕްރިލިމިނަރީ ބުރުގެ ތިން ހީޓުގައި ވާދަކުރި 24 ދުވުންތެރިންގެ ތެރެއިން އަށްވަނައަށް ގޮސް، ގަދަ އަށެއްގެ ތެރޭގައި ހިމެނުނު ނަތީޖާއާ ހުރެއެވެ.
މިއީ ސާއިދުގެ ކެރިއަރުގައި ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ބެއިޖިންގ އާއި 2017 ވަނަ އަހަރު ލަންޑަންގައި ބޭއްވުނު ޗެމްޕިއަންޝިޕްތަކުގައި ވެސް ފުރަތަމަ ބުރަށް ދަތުރުކޮށްފައެވެ. އަދި 2022 ވަނަ އަހަރު އޮރެގޯންގައި ބޭއްވުނު ޗެމްޕިއަންޝިޕްގައި ވެސް ޕްރިލިމިނަރީ ހީޓުން ފަސްވަނަ ހޯދައި، ފުރަތަމަ ބުރަށް ދަތުރުކޮށްފައިވެއެވެ.
މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގެ ހީޓުތައް ކުރިއަށްދާނީ މިރޭއެވެ.

