އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނަސްރީނާގެ ހާލުކޮޅު ރަނގަޅުވުމާ ގުޅިގެން މިހާރު ގެއަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
މީގެ ކުރިން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައްޔަށް ފަރުވާ ހޯއްދެވުމަށްޓަކައި ކުރީގެ ފަސްޓްލޭޑީ މިދިޔަ ހަފުތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ކަމަށެވެ. އަދި އެ ބަޔާނުގައި އެކަމަނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ރައީސް މައުމޫންގެ އޮފީހުން ވަނީ ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބެމުންދިޔަ އޯގާތެރިކަމާއި އަޅާލުމަށް ޝުކުރު އަދާކުރައްވާފައެވެ

