ހުޅުމާލޭގައި އިމާރާތްކުރަމުންދާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހަ ބުރީގެ އިމާރާތުގެ 39 އިންސައްތައިގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ހާމަކޮށްފައެވެ.
140 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ކުރިއަށްދާ މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުއެވެ. މި މަޝްރޫޢު ނިންމުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގެ ރޭމްޕް ފާރު ވަރުގަދަ ކުރުމާއި ފުރާޅުގެ ތަނބުތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތްތަކެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުން 17,000 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރެވޭ މި އޮފީސް އިމާރާތުގެ ޖުމްލަ ބޮޑުމިނުގައި 77,000 އަކަފޫޓު ހުންނާނެއެވެ. މި އިމާރާތަކީ މުވައްޒަފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ޖާގައިގެ އިތުރުން، ޑޭކެއަރ ސެންޓަރަކާއި ވެހިކަލް ޕާކިންގ އޭރިއާއެއް ހިމެނޭ އިމާރާތެކެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ހަ ބުރީގެ އޮފީސް އިމާރާތުގެ މަސައްކަތް އެމްޓީސީސީއިން ކުރިޔަށް ގެންދަނީ—-ފޮޓޯ: އެމްޓީސީސީ
އިމާރާތުގެ ޑިޒައިންގައި ލައިބްރަރީއަކާއި ތަމްރީނުތަކާއި އިވެންޓްތައް ބޭއްވުމަށް އެކަށީގެންވާ ޖާގައެއް އޮންނަ ކޮންފަރެންސް ހޯލެއްވެސް ހިމެނެއެވެ. މި މަޝްރޫޢަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ލިބިދެވޭނެ އިމާރާތެއް ކަމަށް ބެލެވެއެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނިން މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.

