ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ފްލެޓްތަކަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާއި ކޮމާޝަލް ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން ބުނި ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރަމުންދާ 32 ޓަވަރުގައި މި ޚިދުމަތްތައް ޤާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި ޓަވަރުތަކުގެ ތެރޭގައި އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެސްގެ 16 ޓަވަރު ހިމެނެއެވެ. 4،000 ފްލެޓްގެ ތެރެއިން 3،000 އަށްވުރެ ގިނަ ޔުނިޓްގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.
ކޮންމެ ޓަވަރެއްގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމަށް ޚާއްސަ ގާބެޖް ރޫމެއް ހުންނާނެ ކަމަށް އެފްޑީސީން ބުންޏެވެ. އަދި ކޮންމެ ޓަވަރެއްގައިވެސް ސެކިއުރިޓީ ބަލަހައްޓައި، ޓަވަރުތަކުގެ އާންމު ސަރަހައްދުތައް ކޮންމެ ދުވަހަކު ގަވާއިދުން ސާފުކުރަމުންދާނެއެވެ.
ޓަވަރުތައް ހިމެނޭ ސަރަހައްދުގައި ރީޓެއިލް ފިހާރަތަކާއި ސުޕަރމާކެޓްތައް ހުންނާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. 5 މިނެޓުގެ ދުރުމިނުގައި ގްރޮސަރީ އަދި ކޮންވީނިއަންސް ފިހާރަތައް ޤާއިމުކުރާނެ ކަމަށާއި، ކޮންމެ ސަރަހައްދަކަށް މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ތަރައްޤީކުރާނެ ކަމަށް ބުނެފައިވެއެވެ.
10 މިނެޓުގެ ދުރުމިނުގައި ތަރުކާރީއާއި މޭވާ ވިއްކާ މާރުކޭޓްތަކާއި، ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީގެ ޚިދުމަތްތައް ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. މީގެ އިތުރުން 10 މިނެޓުގެ ދުރުމިނުގައި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކާއި، ފާމަސީ އަދި ވެލްނެސް ސެންޓަރުތައްވެސް ހުންނާނެއެވެ.
މި ސަރަހައްދުގައި މީހުން އާބާދުވަމުންދާއިރު ޒަމާނީ މިންގަނޑުތަކަށް ފެތޭގޮތަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެފްޑީސީގެ އަމާޒު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

