މާލެ އަތޮޅު ކާށިދޫ ފަޅުގައި ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ރިޒޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 115.21 ހެކްޓަރުގެ ސަރަޙައްދަކުން 10 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި މި ރިޒޯޓުގައި މަދުވެގެން 100 އެނދު ހުންނަންޖެހޭނެ ކަމަށް އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، މިކަމަށް ޝައުޤުވެރިވާ ދިވެހި އަދި ބިދޭސީ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 20 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.
މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމަށް ދެ ބައްދަލުވުމެއް ބޭއްވުމަށް ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ފުރަތަމަ ބައްދަލުވުން މިމަހުގެ 24 ވަނަ ދުވަހު އަދި ދެވަނަ ބައްދަލުވުން އޮކްޓޫބަރު 21 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބީލަމާ ގުޅޭ ލިޔެކިޔުންތައް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، ސެޕްޓެމްބަރު 14 އިން ނޮވެމްބަރު 19 އާ ދެމެދު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު ވުޒާރާގެ ރިސެޕްޝަނުން ބީލަން ފޮތް ލިބިވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

