“ލޫޓުވައިފި” އަދި “ދަވާލައިފި” ފަދަ ޝިއާރުތައް ހިމެނޭ ބެނާތައް ދެމުމަށް އެންމެ އެކަށީގެންވަނީ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާ މިހެން ވިދާޅުވެފައިވަނީ، “އެމްޑީޕީ ސަރުކާރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހުސްކުރި ގޮތް” މި ސުރުހީގެ ދަށުން މީޑިއާއެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމުނުއިރު، ކުރިން 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި އެސްޑީއެފްގައި ހުރީ އެންމެ 2.5 މިލިއަން ޑޮލަރެވެ.
“ބެނާ ކިތައްމެ ވަރަކަށް މަގުތަކުގައި ދެމިޔަސް މި ސަރުކާރުން ތިޔަ ބެނާތަކެއް ނުނަގާނެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ވާދަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއް،” ޝުޖާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކަށް މިފަދަ ހަރަކާތްތައް ހިންގުމުގެ ހުއްދަ ނުދޭކަމަށް ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ، “އަޅުގަނޑުމެން އިދިކޮޅުގައި ތިބި ދުވަސްވަރު ތިބޭފުޅުންގެ ފަރާތުން ކަނޑު ވިއްކާލައިގެންނާއި ދިވެހި ރައްޔިތުން ބިކަކޮށްގެންނާއި ފްލެޓްތައް ފޭރިގެން ބާއްވަން އުޅުނު އެއްވުންތަކަށް އެއްވެސް ބެނާއެއް ދެމުމުގެ ހުއްދައެއް ނުދެއްވި” ކަމަށެވެ.
މިހާރު އެމްޑީޕީން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅު އެކި ބާވަތުގެ ޝިއާރުތައް ހިމެނޭ ބެނާތައް ހަރުކުރަން ފަށާފައެވެ. ނަމަވެސް މިހާތަނަށް މި ބެނާތައް ނެގުމުގެ އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށްފައެއް ނުވެއެވެ.

