ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނު އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތާއީދު ކުރައްވައިފިއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ "ކުރީގެ ރައީސުންނަށްދޭ ޕެންޝަންގެ މިންވަރު ކުޑަ ކުރުން އަޅުގަނޑަށްވެސް ފެނޭ" ކަމަށެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ ފަރާތްތަކަށް މަހަކު 50,000 ރުފިޔާ އަދި އެއް ދައުރަށްވުރެ ގިނަ ދައުރު ކޮށްފައިވާ ފަރާތްތަކަށް މަހަކު 75,000 ރުފިޔާ މާލީ އިނާޔަތެއްގެ ގޮތުގައި ދައުލަތުން ދޭންޖެހެއެވެ.
މީގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުގެ ގޮތުގައި މަހަކު 50,000 ރުފިޔާއާއި، އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި މަހަކު 175,000 ރުފިޔާއާ ހަމައަށް ދައުލަތުން ހަމަޖައްސައިދޭންޖެހެއެވެ. މި އިނާޔަތްތަކަށް މިއަހަރުގެ ބަޖެޓުގައި 19.7 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މިވަގުތު ކުރީގެ ރައީސުންގެ ގޮތުގައި ތިއްބެވީ އިބްރާހިމް މުހައްމަދު ޞާލިހް، މައުމޫން ޢަބްދުލްޤައްޔޫމް، ޢަބްދުﷲ ޔާމީން، މުހައްމަދު ނަޝީދު އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ސަރުކާރުން މިހާރު ވަނީ މި އިނާޔަތްތައް މުރާޖަޢާކޮށް، ބަދަލުގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައެވެ.

